ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބު ދަށްކޮށްފިއެވެ.

ރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރިހީގެ ނިސާބުންނެވެ. އަހަރުގެ އެކި ދުވަސްވަރު  ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ އެކު ނިސާބުގެ އަދަދުވެސް ތަފާތުވެއެވެ.

ރާއްޖޭގެ ޒަކާތު ހައުސްއިން މިއަދު ބުނީ މިއަދުން ފެށިގެން ނިސާބުގެ ގޮތުގައި 19،266.10ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ރިހީގެ ގްރާމަކަށް 32.38ރުފިޔާގެ ރޭޓުން 595ގްރާމަށް ޖެހޭ އަދަދު ކަމަށް ވެސް ޒަކާތު ހައުސްއިން ބުންޏެވެ.

ނިސާބުގެ އަގަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ. އޭރު ނިސާބުގެ ގޮތުގައި ކަނޑައެޅީ 21،836.50ރުފިޔާއެވެ.

ޒަކާތް ނެރުން ވާޖިބު ވަނީ މުދަލުގައި ނިސާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ ހިޖުރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ.

އެގޮތުން ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ އެއް އަހަރު ހަމަވުމުން އޭގެ 40ބައިކުޅަ އެއްބައި ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ.