މިނިވަންކަން ގެއްލޭ ފަދަ ހިތި ތަޖުރިބާތަކެއް އިއާދަވިޔަ ނުދިނުމަށް ގަދައަޅައި އަޒުމު އާކުރަން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި އެމަނިކުފާނު ހިއްސާ ކުރެއްވި މެސެޖުގައި ވަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް އަލި އަޅުވާލައްވައިފައެވެ.

އެގޮތުން ކަނޑުގެބާޒުގެ ނަމުން އޭރު މަޝްހޫރުވި ފުރެތިކާލުންގެ އިސްތިޢުމާރީ ކަސްތޮޅުތަކުން ލިބުނު އަނިޔާއިން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަތަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކު ވެސް އެކަން އެހެންވެގެން ދިޔައީ ދިވެހި ގައުމަށް ހެޔޮ ނޭދޭ އަމިއްލައެދުން ބޮޑު ބަޔެއްގެ ހިޔާނާތުގެ ސަބަބުން ކަމަށެވެ.

“އެކަމުގެ ސަބަބަކަށް ވީކަން. މިއަދު އަޅުގަނޑުމެން ގަދައަޅަައި ޢަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށް. މި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ؟” ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ ޝިއާރު ނަގަހައްޓައި، މި ގައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫހު ހިފެހެއްޓުމަށް ރައީސް ގޮވާލެއްވިއެވެ.