
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅަކަށް، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ރުހުންދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މި މަހުގެ 10ވަނަ ދުވަހު ރައީސް އޮފީހުން ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ހިމެނެނީ، ގދ. ގައްދޫ، ތިބުރޯޒުގެ، އައިޝަތު އާރިފާގެ އިތުރުން ށ. ކަނޑިތީމު، ރަތްވިލާގެ، މުޙައްމަދު އާރިފްއެވެ. މީގެ ތެރެއިން އައިޝަތު އާރިފާއަކީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އައްޔަނުކުރައްވާ އަންހެން މެންބަރެވެ. އަދި މުޙައްމަދު އާރިފް އައްޔަނުކުރައް ވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ގަވަރނަންސްގެ ރޮނގުންނެވެ.
މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ނިންމީ ކޮމިޓީގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާޤުންނެވެ. މިގޮތަށް ފާސްކުރީ، އިންޓަވިއު މަރުހަލާގައި ދެ ބޭފުޅުންނަށް ވެސް އެވްރެޖްކޮށް 75 އިން މަތިން މާކްސް ލިބިވަޑައިގެންފައިވާތީ، މެންބަރުކަމަށް އެ ބޭފުޅުން އެކަށީގެންވާކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ބިނާކޮށެވެ. މި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުންނަމަ، ލޯކަލް ކައުންސިލްތަކުގެ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ދައުރެއް އަދާކުރާ އެލްޖީއޭގެ ބޯޑު އެކުލެވިގެން ވަނީ ޖުމްލަ 9 މެންބަރުންގެ މައްޗަށެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































