ނިމިދިޔަ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް ސަތޭކަ އިންސައްތަ އިތުރުކޮށްފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ޒަރީރު ފާހަގަކުރެއްވި ގޮތުގައި، 2018ވަނަ އަހަރުން ފެށިގެން 2023ގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 18،053 މީހުން އަލަށް ވަޒީފާއަށް ނަގާފައިވެއެވެ. މިއީ 97 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހި، މުސާރަ ދިނުމަށް އެކަނި ވެސް 634 މިލިއަން ރުފިޔާގެ އެޑްވާންސް ސަބްސިޑީއެއް ކުރީ ސަރުކާރުން ދޫކުރަންޖެހުނުކަން އޭނާ ހާމަކުރެއްވިއެވެ.

މިހާރު މި އަދަދު 41،667 އަށް އަރާފައިވާއިރު، ކުންފުނިތަކުގެ އޮނިގަނޑު މުރާޖައާކޮށް ހަރަދު ކުޑަކުރުމުގެ މަސައްކަތް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ލަފާގެ މަތިން ދަނީ ކުރިއަށް ގެންދަމުންނެވެ. ނަމަވެސް، މުވައްޒަފުންގެ ސިޔާސީ ފިކުރަށް ނުވަތަ ކުލަޔަށް ބަލައި ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ވަޒީރު ޔަގީންކަން ދެއްވިއެވެ. އޭގެ ބަދަލުގައި، ރައިޓްސައިޒް ކުރުމުގެ ތެރެއިން ވަޒީފާ ދޫކޮށްލާ ފަރާތްތަކަށް ‘އެސްއެމްއީ އިމްޕެކްޓް ފަންޑު’ގެ ދަށުން ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދީ، މުވައްޒަފުންނަށް ގެއްލުން ނުވާނެފަދަ ވަށާޖެހޭ އުސޫލެއް ވަނީ އެކުލަވާލާފައެވެ.

މި ސަރުކާރުން އަލަށް އުފެއްދި 5 ކުންފުންޏެއްގައި 889 މުވައްޒަފުން މަސައްކަތްކުރަމުން ދިޔަ ނަމަވެސް، އޭގެ ތެރެއިން ގިނަ މީހުންނަކީ އެސްޓީއޯގެ ދަށުން ކުރިން ހިނގަމުންދިޔަ މަސައްކަތްތައް ‘ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން’އަށް ބަދަލުކުރުމާ ގުޅިގެން އެތަނަށް ބަދަލުވި 733 މުވައްޒަފުންނެވެ. އެހެންކަމުން މުޅިން އަލަށް ވަޒީފާ ދީފައި ވަނީ އެންމެ 156 ފަރާތަކަށެވެ. މީގެ އިތުރުން ޑިވެލޮޕްމަންޓް ބޭންކުގައި 17 މީހުން އަދި ފިޝަރީޒް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުގައި 6 މީހުން ތިބިއިރު، އިކޮނޮމިކް ގޭޓްވޭ އަދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ކުންފުނީގައި އަދި މުވައްޒަފުން ނުނަގައެވެ.

ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ގެއްލުމުގައި ހިނގާ ބައެއް ތަންތަން އުވާލުމާއި އެއްކޮށްލުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން، ސްޕޯޓްސް ކޯޕަރޭޝަން އުވާލައި އެތަނުގެ 12 މުވައްޒަފުން ކުޅިވަރާ ބެހޭ ވުޒާރާއަށް ބަދަލުކޮށްފައިވާއިރު، އެމްއައިޓީޑީސީ އުވާލުމަށް ލިކުއިޑޭޓަރަކު ވަނީ އައްޔަނުކޮށްފައެވެ. އަދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި ނިންމުމާ އެކު ދައުލަތުން ކޮންމެ މަހަކު ކުރަމުންދިޔަ 10 މިލިއަން ރުފިޔާގެ ހޭދަ ސަލާމަތްކުރެވޭނެކަން ވަޒީރު ޒަރީރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ތަންތަނަށް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.