އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން، ވަޤްފު ފަންޑު އިތުރުކުރުމުގެ މަޤުޞަދުގައި މާލޭގައި ބިނާކުރާ އައު ވަޤްފު އިމާރާތް ކަމަށްވާ “ދާރުލްއަރްޤަމް”ގެ ޢަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢަކީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސިންގ ފެސިލިޓީގެ އެހީގައި 39.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ ބޮޑު މަޝްރޫޢެކެވެ. އިމާރާތްކުރުމުގެ އެންމެހާ މަސައްކަތްތައް އާރްސީސީއާ (ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން) ޙަވާލުކޮށްފައި ވަނީ ދޮޅު އަހަރު (540 ދުވަސް) ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ.

މި އިމާރާތް ނިމި ބޭނުންކުރަން ފެށުމުން، އަހަރެއްގެ މައްޗަށް ދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ. މިގޮތުން ލިބޭ ފައިސާގެ ތެރެއިން 20 އިންސައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޚާއްސަކުރެވޭއިރު، ބާކީ 80 އިންސައްތަ ޖަމާކުރެވިގެންދާނީ އިސްލާމިކް ވަޤުފް ފަންޑަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބިންގާ އެޅި މި އިމާރާތަކީ ޒަމާނީ ފެންވަރަށް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ ތަނެކެވެ. އިމާރާތުގެ އެންމެ ތިރީ ދެ ބައި، ގްރައުންޑް އަދި ބޭސްމަންޓް ޕާކިންގއަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާގައި ރިސެޕްޝަނެއް އަދި ދެވަނަ ފަންގިފިލާގައި ބޮޑު ކޮންފަރެންސް ހޯލެއް ހުންނާނެއެވެ. މީގެ އިތުރުން މަތީ ފަންގިފިލާތަކުގައި މީޓިންގ ރޫމްތަކާއި، އޮފީސް ޖާގަތަކާއި، ނަމާދުކުރާނެ ކޮޓަރިއެއްގެ އިތުރުން ފުރާޅުމަތީގައި އޯޕަން ޓެރަހެއް ހަދާގޮތަށް ވަނީ ޕްލޭންކުރެވިފައެވެ.

Leave a Reply