ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީގައި ކުރިމަތިލެއްވުމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

ރައީސް ޞާލިޙަށް ތާއީދުކުރެއްވުމަށް ނިންމަވައި، ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެކުރިން ހާމަކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ހިމެނިވަޑައިގަންނަވައެވެ. އަދި އޭގެ އިތުރުން، ރަސްމީކޮށް އިޢުލާނު ނުކުރެއްވި ނަމަވެސް ޓިކެޓަށް ޝައުޤުވެރިކަން ހުރިކަމަށް ބެލެވުނު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ އެމަނިކުފާނަށް ތާއީދުކުރައްވަން ނިންމަވާފައެވެ.

“ދެން”އަށް މަޢުލޫމާތު ލިބިފައިވާ ގޮތުން ރައީސް ޞާލިޙުގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި، މި ނިންމެވުން ނިންމަވާފައި ވަނީ ޕާޓީގެ އާންމު މެންބަރުންނާއި އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކަކާ އެކު ކުރިއަށް ގެންދެވި މަޝްވަރާތަކަކަށް ފަހުގައެވެ. އެގޮތުން، ރަށްރަށުގެ އެކްޓިވިސްޓުންނާއި ލީޑަރޝިޕްގެ ބޭފުޅުންނާ އެކު ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވެވުމަށް ފަހު، އެމަނިކުފާނު ގޮތެއް ކަނޑައެޅުއްވީ އިއްޔެ ބޭއްވި ޚާއްޞަ ބައްދަލުވުމެއްގެ ތެރެއިންނެވެ.

ރައީސް ޞާލިޙު ޕްރައިމަރީގެ މައިދާނަށް ނުކުމެވަޑައިގަންނަވާއިރު، މިހާތަނަށް ރަސްމީ ސިފައެއްގައި ކެމްޕޭން ފައްޓަވާފައި ވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް އެކަންޏެވެ. ނަމަވެސް، ރައީސް ޞާލިޙު ކުރިމަތިލައްވައިފިނަމަ، އެމަނިކުފާނާ ވާދަކުރެއްވުމަށްޓަކައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޕްރައިމަރީއަށް ނުކުމެވަޑައިގަތުމަކީ ވަރަށް ގާތްކަމެއް ކަމުގައި ޕާޓީގެ އިސް ފަރާތްތަކުން ލަފާކުރައްވައެވެ.

މީގެ އިތުރުން، އެމްޑީޕީގެ މިހާރުގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަކީ ވެސް މި ފަހަރުގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަމަށް ބޮޑަށް ބެލެވޭ އެއް ބޭފުޅާއެވެ.