މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ “އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް” ރަސްމީކޮށް އިފްތިތާޙުކޮށް، ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3ގެ “އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް” ކޯސް ފުރިހަމަކޮށް، މި ރަސްމިއްޔާތުގައި ޖުމްލަ 29 ދަރިވަރަކު ވަނީ ސަނަދު ޙާޞިލުކޮށްފައެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 2025ވަނަ އަހަރުގެ ޖޫން މަހުގެ 1ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އިންސްޓިޓިއުޓް އިފްތިތާޙުކޮށްދެއްވައި، އެންމެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޤައުމަށް ބޭނުންތެރި، ތަޢުލީމީ އަދި ހުނަރުވެރި ޒުވާން ޖީލެއް އުފެއްދުމަށް އެމްއޭސީއެލް އިން އަދާކުރާ މުހިންމު ދައުރަށް ވަނީ ތަޢުރީފުކުރައްވާފައެވެ. ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓްތައް ބައްސަވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދެވެ. ޝަރީފް ވިދާޅުވި ގޮތުގައި، އަލަށް ހުޅުވުނު އިންސްޓިޓިއުޓަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ޤާބިލު މީހުން ނެރުމަށް އެ ކުންފުނިން ގެންގުޅޭ ދުރުރާސްތާގެ ތަޞައްވުރުގެ މުހިންމު ބައެކެވެ.

އެމްއޭސީއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، މުޅިން އަލަށް ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސްއާ ގުޅުނު މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި މި ސެކިއުރިޓީ މެނޭޖްމަންޓް ކޯހުގެ މައިގަނޑު ބޭނުމަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުންކުރާ ފަސިންޖަރުންނަށް ފޯރުކޮށްދޭ ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ. މި އިންސްޓިޓިއުޓްގެ ސަބަބުން، ވަޒީފާގައި ތިބި މުވައްޒަފުންނާއި އަލަށް ދާއިރާއާ ގުޅޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފަސޭހަކަމާ އެކު ލިބިގެންދާނެކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

Leave a Reply