
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު އިތުރު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ރޭ ބުނި ގޮތުގައި ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2ކިލޯގެ ކެނެބިސް މިދިޔަ ހޮނިހިރު ދުވަހު އަތުލައިގެންފައެވެ.
އޭގެ ފަހުން މިއަދު ކަސްޓަމްސްއިން ބުނީ ހަމަ އެ ދުވަހު އިތުރު 3.2ކިލޯގެ ކެނެބިސް އަތުލައިގަތް ކަމަށެވެ.
އެ ތަކެތިވެސް އަތުލައިގަތީ ޕެކޭޖެއް ބަލަމުން ދިޔައިރު މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.
އަދި އެއީ ކޮން ގައުމަކުން އެތެރެކުރި ޕެކޭޖެއް ކަމެއް ވެސް ހާމައެއް ނުކުރެއެވެ.
ފަހަކަށް އައިސް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ވަނީ އިތުރުވެފައެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































