ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީގައި ކުރިމަތިލެއްވުމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޅެން ބައިތެއް ހިއްސާކުރައްވައިފިއެވެ.

ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަވީ މިއަދު މީޑިއާތަކުން އެކަން ރިޕޯޓްކުރުމުންނެވެ.

ރައީސް ނަޝީދު މިއަދު އެކްސް ހިއްސާކުރައްވާފައި ވަނީ އަލްމަރުހޫމު ހުސައިން ސަލާހުއްދީން ހެއްދެވި މަޝްހޫރު “ނަނާ ހުވަފެން ދުށީމޭ”، މި ޅެމެވެ.

މި ޅެމަކީ ދިވެހީންގެ ތެރޭގައި ވަރަށް މަޝްހޫރު ޅެމެކެވެ. އެ ޅެން އާންމުކޮށް ބޭނުންކުރަނީ ހިޔާލީ ހުވަފެން ދެކޭ ދެކުމަށް ފާޑުކިއުމުގެ ގޮތުންނެވެ.

ބެލެވޭ ގޮތުން ރައީސް ނަޝީދު އެ ޅެމުން އެ ދެއްވަނީ ރައީސް ސޯލިހުއަށް މެސެޖެކެވެ. އެގޮތުން ރައީސް ސޯލިހު އަލުން ވެރިކަމަށް އައުމަކީ ނުވާނެކަމެއް ކަމަށް ރައީސް ނަޝީދު ދެކެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓްްއަށް ވާދަކުރައްވަން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްުޔާޒް އިސްމާއިލް ވެސް ވަނީ ނިންމަވައިފައެވެ. މީގެ އިތުރުން އަބްދުﷲ ޝާހިދު ވެސް މި ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ.