
މާލެ ޓެކްސީ އެޕުގެ މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
“މާލެ ޓެކްސީ އެޕް”ގައި ހިމެނޭ އާންމުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް ސޯޝަލް މީޑިއާގައި ލީކުކޮށްލި މައްސަލަ ފެންމަތިވީ މީގެ ދެ ދުވަސް ކުރިންނެވެ.
ނަމަވެސް މާލެ ޓެކްސި އެޕުގެ ކަންކަން ބަލަހައްޓާ އެމްޓީސީސީން ރޭ ވަނީ އެޕު ހެކުކުރިކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އަދި މައުލޫމާތު ލީކުކުރީ އެމްޓީސީސީގެ މުވައްޒަފެއް ކަމަށް ވެސް ބުންޏެވެ.
އެމްޓީސީސީގެ އޮފިޝަލަކު “ދެން” އަށް ވިދާޅުވީ މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއްް ނުދެއެވެ.
އެ މުވައްޒަފު މިހާރު ވަނީ މަގާމުން ވެސް ވަކިވެސްކޮށްފައެވެ.
އެމްޓީސީސީން ބުނީ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލުގެނައިކަން ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިޔުރިޓީ ޓީމަށް ފާހަގަވުމާ އެކު ވަގުތުން އެކަން އޮޕަރޭޝަންސްގެ ސަމާލުކަމަށް ގެނެސް ސިސްޓަމް ޝަޓްޑައުންކޮށް ސެކިޔުރިޓީ ލޮކްޑައުންއަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ކުންފުނީގެ ސާވާ އަދި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރޭގެ 11:30 ގައި ރައްކާތެރިކަމާ އެކު ރީސްޓޯރކޮށް ރައްކާތެރި ކުރެވިފައިވާ ކަމަށާއި ކަސްޓަމަރުންނަށް މާލެ ޓެކްސީ ލައިންގެ ހިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރި ނުވާނެކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































