ދައުލަތުގެ އޮޑިޓް އޮފީހުން އާންމުކޮށްފައިވާ 2023ވަނަ އަހަރުގެ މާލީ ބަޔާންތައް ދައްކާގޮތުން، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)އަށް ހިލޭ އެހީގެ ގޮތުގައި 2.5 މިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް، އެ ކުންފުނީގެ މާލީ ގެއްލުން 34.5 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

މި ބޮޑު ގެއްލުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ އިދާރީ ހިންގުމަށާއި މުވައްޒަފުންނަށް ކުރަންޖެހުނު އިންތިހާއަށް ބޮޑެތި ޚަރަދުތަކެވެ. އެގޮތުން، 2023ވަނަ އަހަރު އިދާރީ ކަންކަމަށް އެކަނި ވެސް 35 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެ ތެރެއިން 22.4 މިލިއަން ރުފިޔާއަކީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ދޫކޮށްފައިވާ ފައިސާއެވެ. މިއީ 2022ވަނަ އަހަރު މުވައްޒަފުންނަށް ހޭދަކުރި 18.1 މިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން މުވައްޒަފުންގެ އަސާސީ މުސާރައަށް 9.89 މިލިއަން އަދި އެލަވަންސްގެ ގޮތުގައި 10.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ޚަރަދުތައް އިންތިހާއަށް މަތިވި ނަމަވެސް، ކުންފުންޏަށް ލިބުނު އާމްދަނީ އެ ނިސްބަތުން އިތުރުވެފައެއް ނުވެއެވެ. ކަސްޓަމަރުންނާ އެކު ގާއިމުކޮށްފައިވާ އެއްބަސްވުންތަކުގެ ދަށުން 2023ވަނަ އަހަރު ލިބިފައި ވަނީ 5.66 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 5.59 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ކުޑަ ކުރިއެރުމެކެވެ. މުދާ ހޯދުމަށް ހިނގި ޚަރަދުތައް ކަނޑައިލުމުން، ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ވަދެފައި ވަނީ އެންމެ 1.05 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެހެނިހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ އެންމެ 151،598 ރުފިޔާއެވެ.

މާލީ ރިޕޯޓުތައް ހާމަކުރާ ގޮތުގައި، 2022ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި 1.41 މިލިއަން ރުފިޔާ ލިބުނުއިރު، 2023ވަނަ އަހަރު އެ އަދަދު ވަނީ 2.50 މިލިއަނަށް އިތުރުވެފައެވެ. އެހެންނަމަވެސް، ހިންގުމުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ކުންފުނީގެ ހިންގުމުގެ ގެއްލުން ވަނީ 26.9 މިލިއަނުން 31.6 މިލިއަނަށް ބޮޑުވެފައެވެ. އަދި ޖުމްލަ ގެއްލުން ވަނީ 2022ވަނަ އަހަރުގެ 28.7 މިލިއަނުން 34.5 މިލިއަނަށް އުފުލިފައެވެ.

އެގްރޯނެޓަކީ ދަނޑުވެރިކަން ކުރިއެރުވުމުގެ މަގުސަދުގައި ކުރީގެ އެމްޑީޕީ ސަރުކާރުން 2020ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މި ކުންފުނި ވަނީ އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށްފައިވާ “މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން”ގެ ދަށުން އެގްރޯނެޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސަވާފައެވެ.

Leave a Reply