ބޭރު ފައިސާ ގަނެ ވިއްކާ މާރުކުރުމުގެ ހިދުމަތް ދޭ އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ ލައިސަންސް ބާތިލުކޮށްފިއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއިން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ފިޔަވަޅު އެޅީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސްޕަވައިޒްކުރުމުގެ ތެރެއިން އެކްސްޕްރެސް މަނީ އެކްސްޗޭންޖުން ގަވާއިދާ ހިލާފުވެފައިވާކަން ފާހަގަވުމާ ގުޅިގެން ކަމަށެވެ.

އެހެންކަމުން ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ ގަވައިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތްތާގައި ވެސް އެ އޮތޯރިޓީންނާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅުއަޅަމުން ގެންދާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެކްސްޕްރެސް މަނީގެ ލައިސަންސް ބާތިލުކުރި އިރު އެމްއެމްއޭއިން އާންމުކޮށްފައިވާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ ބޮޑެތި ޖޫރިމަނާތަކެއް އަންނާނެ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ބޭރުފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ބުދަ ދުވަހު އޮތީ ފާސްވެސްކޮށްފައެވެ.