ރަޝިއާގެ އިތުރު އެއާލައިންތައް ރާއްޖެ ގެންނަން ނިންމައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވަފުދާއެކު މިހާރު ޜަޝިއާގައި ހުންނެވި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރަޝިއާގެ ރަޝިއާގެ ސްޓޭޓް ސެކްރެޓަރީ އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް، ދިމިތުރީ ޒްވެރޭވްއާ އެކު މިއަދު ބޭއްވެވި ބަައްދަލުވުމުގައި ވަނީ ރާއްޖެއާ ރަޝިއާއާ ދެމެދު ވައިގެ ދަތުރުފަތުރުތައް ފުޅާކުރަން މަޝްވަރާކޮށްފައެވެ.

އެގޮތުން ރަޝިއާއާ ރާއްޖެއާ ދެމެދު އިތުރު އިތުރު އެއާލައިންތަކުގެ ހިދުމަތް ފަށަން އެއްބަސްވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުންޏެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއެވެ.

ރަޝިއާގެ އެއާލައިން އެއިރޯފްލޮޓްއިން މިހާރުވެސް ގަވައިދުން ރާއްޖެއަށް ފްލައިޓްތައް ބާއްވައެވެ. އަދި އޭގެ އިތުރުން އެެހެން އެއާލައިންތައް ވެސް ޗާޓަރު ފްލައިޓްތައް ދޭތެރެ ދޭތެރެއިން ރާއްޖެއަށް ބާއްވައެވެ.

މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މެދު އިރުމަތީގެ އެއާލައިންތަކުން އަންނަ ފްލައިޓްތައް މަދުވި އިރު ވެސް ރަޝިއާއިން އަންނަ ފްލައިޓްތައް ބަރާބަރަށް އައެވެެ.

ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. އެގޮތުން މި އަހަރުގެ ،މިހާތަނަށް އެ ގައުމުގެ ދެ ލައްކައެއްހާ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.