ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބާއްވައިފިއެވެ.

މި ބައްދަލުވުން ބައްވާފައި ވަނީ އިއްޔެ އާއި މިއަދު އއ. އުކުޅަހުގައެވެ.

ރާއްޖޭގެ އެނެސްތީސިއޮލޮޖިސްޓުންގެ ޖަމިއްޔާއާއި ހެލްތު މިނިސްޓްރީ ގުޅިގެން ބޭއްވި މި ކޮންފަރެންސްގައި ޖުމްލަ 220 ބައިވެރިން ބައިވެރިވިއެވެ. އޭގެތެރެއިން ސާކްގެ އެކި ގައުމުތަކުން އެނެސްތީސިއޮލޮޖީ ދާއިރާގެ 190 ތަޖުރިބާކާރުން ބައިވެރިވިއެވެ.

އެގޮތުން އިންޑިޔާ، ޕާކިސްތާން، ބޫޓާން، ސްރީލަންކާ، ނޭޕާލް ފަދަ ގައުމުތަކުގެ ފާހަގަކޮށްލެވޭ ސްޕެޝަލިސްޓް ޑޮކްޓަރުން، ސިއްޙީ ޚިދުމަތްތެރިންނާއި ކީނޯޓް ސްޕީކާރސް ވަނީ ބައިވެރިވެފައެވެ.

މި ކޮންފެރެންސްގައި ރާއްޖޭގައި އެނެސްތީސިއޮލޮޖީ ދާއިރާގައި ކިޔަވައި ދިނުމަށް ހުރި ފުރުސަތުތަކާއި، ކްލިނިކަލް ތަޖުރިބާ، ރިސާރޗާއި، މައުލޫމާތާއި ތަޖުރިބާތައް ހިއްސާކޮށް، މިދާއިރާ ތަރައްގީކުރުމަށް ގައުމުތައް ގުޅިގެން ކުރެވިދާނެ މުހިއްމު މަސައްކަތްތަކުގެ މައްޗަށް މައުލޫމާތު ބަދަލުކޮށްފައިވެއެވެ.

އަދި މި ރީޖަންގެ ސްޕެޝަލިސްޓުން މިދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ޕްރޮފެޝަނަލް ނެޓްވޯކްތައް ބިނާކުރުމާއި، އެކި ގައުމުތަކުގެ ބެސްޓް ޕްރެކްޓިސްތައް ދެނެގަތުމާއި ފުރުސަތުތައް ހޯދުމަށް މަޝްވަރާކުރިއެވެ.

Leave a Reply