ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާތަކުގެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިނާޔަތް ދިނުމަށް ނިންމާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި އެ ބޭފުޅުން ވެވަޑައިގަންނަވާފައިވާ ގުރުބާނީ އާއި ކުރައްވާފައިވާ މަތިވެރި ޖިހާދުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން ޝަހީދުންގެ އާއިލާތަކަށާއި އާދަޔާހިލާފު ހިތްވަރާއި ސާބިތުކަން އެ ދުވަހު ދައްކުވައިދީފައިވާ ސިފައިންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ފަރާތްތަކަށް އިނާޔަތް ދިނުމުގެ އުސޫލު ގެޒެޓުކޮށްފައިވާ ކަމަށެވެ.

އެ އުސޫލުގައިވާ ގޮތުން ނޮވެމްބަރު 3 ގައި ޝަހީދުވި ސިފައިންގެ އާއިލާތަކުން މައިންބަފައިންނާއި ހުވަފަތް އަނބިންނާ އަދި ދަރިންގެ ތެރެއިން ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާގެ އިނާޔަތެއް ލިބޭނެ އެވެ.

އުދުވާނީ ހަމަލާގައި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ދެއްކި ހިތްވަރާއި ސާބިތު ކަމަށް ހުރަވީ ރަން މެޑަލް ލިބިފައިވާ ބޭފުޅުންނަށް މަހަކު 9،000 ރުފިޔާ ލިބޭނެ އެވެ. ހުރަވީ ރިހި މެޑަލް ލިބިފައިވާ ބޭފުޅުންނަށް މަހަކު 8،000 ރުފިޔާ އަދި ހިތްވަރުގަދަ ކަމުގެ ކުލަ ލިބިފައިވާ ބޭފުޅުންނަށް މަހަކު 6،000 ރުފިޔާގެ އިނާޔަތެއް ލިބޭނެ އެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި މި އުސޫލުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އެލަވަންސް ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާއިރު، މިއަދުން ފެށިގެން އެލަވަންސް ލިބޭނެ ކަމުގަ އެވެ.

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް އާދަޔާ ހިލާފު ހިތްވަރު ދައްކުވައިދިން ގައުމީ ބަތަލުން ކުރެއްވި ހިދުމަތުގެ އަގުވަޒަން ކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި ގައުމީ ލޯތްބާއި ދިވެހި ގައުމިއްޔަތު ދިރުވާއާލާކުރުމަށް ރައީސް ހާއްސަ އިސްކަމެއްދެއްވާ ކަމެއް ކަމުގައި ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *