
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ކައުންސިލަރު ފާޠިމަތު ޒަހިއްޔާ އެޅުއްވި ކޮރަޕްޝަނުގެ ތުހުމަތުތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްކަން، އެ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލު މިއަދު ސާފުކޮށްދެއްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި މުޖުތަބާ ވަނީ، މާލެ ސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމަށް ހިންގި ނުވަ މިލިއަން ރުފިޔާގެ މަޝްރޫޢާ ހަވާލުކުރި “އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑް”އަކީ ރައީސް މުޢިއްޒާ އެއްވެސް މިންވަރެއްގެ ގުޅުމެއް އޮތް ކުންފުންޏެއް ނޫންކަން ޔަގީންކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ކައުންސިލުން ހިންގި އެއްވެސް މަޝްރޫޢެއްގެ ޕްރޮކިއުމަންޓް މަރުހަލާގެ ތެރެއަށް ނުފޫޒު ފޯރުވައި، ވަދެވަޑައިގެންފައި ނުވާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މުޖުތަބާ މިކަންކަން އާންމުންނަށް ތިލަކޮށްދެއްވާފައި މިވަނީ، ރައީސް މުޢިއްޒާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ނަހަމަގޮތުގައި އެ މަޝްރޫޢު ދީފައިވާކަމަށް ބުނެ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން ދާދިފަހުން ފާސްކުރުމާ ގުޅިގެންނެވެ. އެ މައްސަލަ ކައުންސިލްގެ ބައްދަލުވުމަށް އެޖެންޑާކުރެއްވީ ވެސް ޒަހިއްޔާއެވެ.
2021އިން ފެށިގެން 2023ގެ ނޮވެމްބަރު މަހުގެ ނިޔަލަށް ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމު ފުރުއްވި މުޖުތަބާ ވިދާޅުވި ގޮތުގައި، ޑިޖިޓަލައިޒޭޝަން މަޝްރޫޢަކީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ހުރިހާ ކައުންސިލަރުންގެ ފުރިހަމަ ތާއީދާ އެކު ފާސްކޮށްގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅީ އާންމުކޮށް އިއުލާނުކޮށްގެން، ޕްރޮކިއުމަންޓުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން އޭނާ ވަނީ ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފައެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































