
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ފަރާތްތަކުން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހަ ތަނެއް ބަލައިފާސްކޮށް، ހަތް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޓާސްކް ފޯހުން އިއްޔެ ކުރިއަށްގެންދިޔަ މި ރޭޑުތަކަކީ ސީދާ ބިދޭސީން އިސްވެ ތިބެ ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި ހަރަކާތެކެވެ. މިގޮތުން ހަ ސަރަޙައްދެއްގައި ހިންގި މި އޮޕަރޭޝަންގައި ޖުމްލަ ސަތާރަ ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކްކޮށްފައިވާއިރު، އޭގެ ތެރެއިން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ހަތް މީހަކު ވަނީ ހިފަހައްޓާފައެވެ.
Task Force conducted a raid yesterday targeting illegally operated expatriate-run businesses. A total of 17 expatriates were checked across 6 locations, and 7 expatriates found working illegally were detained.@PoliceMv @HomeMinistrymv pic.twitter.com/sZ8DTkVute
— Maldives Immigration (@ImmigrationMV) June 5, 2026
ބިދޭސީންގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި އިޖުތިމާޢީ ފޭރާމަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެހެންކަމުން، ދިވެހިންގެ ނަންމަތީގައި ފިލާތިބެގެން ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހޯދައި، އެފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ގުޅިގެން ދަނީ ކުރަމުންނެވެ.
މިހާތަނަށް ސަރުކާރުން ކުރި މަސައްކަތުން ދެ ލައްކައަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް އަހަރުން ފެށިގެން، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ އެއްވެސް ބިދޭސީއަކަށް އިތުރު މުހުލަތެއް ދިނުމަކާ ނުލައި ފޮނުވާލުމަށް ނިންމާފައިވާކަން ވެސް ސަރުކާރުން ވަނީ އިޢުލާންކުރައްވާފައެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































