
ދިވެހި ފިލްމު “ލަމްހާ” އަތޮޅުތެރޭގެ ރަށްތަކުގައި އެޅުވުމުގެ މަސައްކަތް “އައިލެންޑް ސިނަމާ” އާ ހަވާލުކޮށްފިއެވެ.
29 އޭޕްރީލް 2026 ގައި ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މި ފިލްމަކީ، ދިވެހި ސިނަމާގައި ފާހަގަކޮށްލެވޭ ފަދަ ރީތި، ދިވެހިވަންތަ އުފެއްދުންތަކެއް މީގެ ކުރިން ގެނެސްދީފައިވާ ތަޖުރިބާކާރު ޑައިރެކްޓަރު މުޙައްމަދު ހިލްމީގެ މަސައްކަތެކެވެ. ހިލްމީއަކީ 1993 ވަނަ އަހަރުގެ މަޝްހޫރު ފިލްމު “އިހްސާސް” އާއި “ޗުއްޓީ” ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ފަރާތެކެވެ.
“ލަމްހާ” މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ މަންމައަކާއި ދަރިއެއްގެ ދެމެދުގައިވާ ވަރުގަދަ ކުލުނާއި، ލޯތްބާއި، އަދި ހިތްގައިމު ހިމޭން ވަގުތުތަކެއްގެ ހަނދާންތަކުގެ މައްޗަށެވެ. މި ފިލްމުގެ ޓައިޓްލް ރޯލުން ފެންނާނީ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު “ލިލީ” އިން ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ހޯދި ހުނަރުވެރި ޒުވާން ބަތަލާ އައިޝާ އަލީ އެވެ. މީގެ އިތުރުން ފިލްމުގެ މައިގަނޑު ކާސްޓުގައި އަހުމަދު ޝާރިފް، ނުޒުހަތު ޝުއައިބް އަދި އަހުމަދު އީސަ (އާނަންދު) ހިމެނެއެވެ.
މި ފިލްމު ރަށްރަށުގައި ޑިސްޓްރިބިއުޓް ކުރުމާ ހަވާލުވެފައިވާ އައިލެންޑް ސިނަމާއަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވެސް ދިވެހި ފިލްމުތައް އެޅުވުމުގެ މަސައްކަތް ކުރަމުންދާ އިތުބާރު ހޯދާފައިވާ ޓީމެކެވެ. މީގެ ކުރިން “ކަމަނާ”، “ކަނބުލޮ” އަދި “އަލްވަދާޢު” ފަދަ ފިލްމުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ދައްކައި، ޕްރޮޑިއުސަރުންނާއި ބެލުންތެރިންގެ ބޮޑު ތަރުޙީބެއް އެ ފަރާތުން ވަނީ ހޯދާފައެވެ.
އައިލެންޑް ސިނަމާއިން ބުނި ގޮތުގައި، “ލަމްހާ” އަމިއްލަ ރަށުގައި އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން 9111164 ނުވަތަ 7779621 އަށް ވައިބަރ މެދުވެރިކޮށް މެސެޖު ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































