
ގައުމީ ޔުނިވާސިޓީ(އެމްއެންޔޫ)ގެ މާލޭގައި ހުންނަ ދަނާލުގައި މަރުވި އަންހެން ކުއްޖާގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
އެމްއެންޔޫގެ ދަނާލުގައި ދިރިއުޅެމުންދިޔަ 18 އަހަރުގެ އަންހެން ކުއްޖަކު މަރުވީ ރޭގަ އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ވެސް ފުލުހުން ފާހަގަކުރި އެވެ.
ނަމަވެސް ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ، މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއްކަން ވެސް ފުލުހުން ފާހަގަކުރި އެވެ.
އެހެންކަމުން، ސައްހަކަން ކަށަވަރުނުކުރެވޭ އެފަދަ މައުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް ފުލުހުން އިލްތިމާސްކުރި އެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































