ކުރިއަށް އޮތް ލޯކަލް ކައުންސިލް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް 600އަށް ވުރެ ގިނަ ޝަކުވާ މިހާތަނަށް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންއިން މިއަދު ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހަށެވެ. އަދި ވޯޓު ލެވޭ މީހުންގެ ރަޖިސްޓްރީ އާންމުކޮށް އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ހަތް ވަނަ ދުވަހު އޮތީ ހުޅުވާލައިފަ އެވެ. އެއީ މިއަދުގެ މެންދުރު ތިނެއް ޖެހުމާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަންއިން ބުނީ މިއަދު މެންދުރު 12 ޖެހުމާ ހަމައަށް  639 ޝަކުވާ ވަނީ ލިބުނު ކަމަށެވެ.

އޭގެ ތެރޭގައި ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކޮށް ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީއިން އުނިކުރުމަށް ލިބިފައިވާ ޝަކުވާތައް ހިމެނޭ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަންއިން ބުންޏެވެ.

ޝަކުވާ ހުށަހަޅާއިރު ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޝައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވެސް ޖެހެއެވެ.

ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އޮތީ ހުޅުވާވެސްލައިފައެވެ.

Leave a Reply