
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ރަންދިހަފަހެއް ސީރީޒްގެ 10ރުފިޔާގެ އައު ޗާޕެއް މިއަދު ރާއްޖެ ގެނެސް، އަންނަ އޭޕްރީލް މަހުގެ 1ވަނަ ދުވަހު ބާޒާރަށް ނެރުމަށް ނިންމައިފިއެވެ.
އަލަށް ނެރޭ 10ރުފިޔާގެ ނޫޓުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ސިފަޔަކީ ދިވެހި ރުފިޔާގެ ރަސްމީ ނިޝާން އޭގައި ހިމަނާފައިވުމެވެ. މަރުކަޒީ ބޭންކުން މައުލޫމާތު ދޭ ގޮތުގައި، ނޫޓުގެ ކުރިމަތީގެ ވައަތް ފަރާތު މަތީގައްޔާއި، ފަހަތުގެ ކަނާތް ފަރާތު މަތީގައި، ފައިސާގެ އަދަދާއެކު ރުފިޔާގެ ނިޝާން ޗާޕުކޮށްފައިވެއެވެ. މީގެ އިތުރުން، 2025ޖުލައި 31ގެ ތާރީޚު ޖަހާފައިވާ މި އައު ނޫޓުތަކުގައި ސޮއިކުރައްވާފައި ވަނީ އެމްއެމްއޭގެ މިހާރުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
މި ފައިސާ އަކީ އަގުގެ ގޮތުން ކުޑަ ނޫޓަކަށް ވެފައި، ދުވަހުން ދުވަހަށް އާންމު ރައްޔިތުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް އެންމެ ގިނައިން ބޭނުންކުރެވޭ އެއް ނޫޓު ކަމަށްވުމުން، މިއީ އަތުން އަތަށް ބަދަލުވެ ބައުވެ ހަލާކުވާ ނިސްބަތް އެހެން ނޫޓުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރު ނޫޓެކެވެ. އަދި ބޮޑެތި އަދަދުތަކުގެ މުއާމަލާތްތަކުގައި ބޭނުންނުކުރާތީ، ވިޔަފާރިތަކުންނާއި އާންމުން ބޭންކުތަކަށް ޖަމާކުރާ މިންވަރު މަދުވުމަކީ ވެސް އެމްއެމްއޭއިން މި ފައިސާގެ އައު ޗާޕެއް ގެންނަން ޖެހުނު މައިގަނޑު އެއް ސަބަބެވެ.
މިއީ 2015ވަނަ އަހަރު “ރަންދިހަ ފަހެއް”ސީރީޒްގެ ނޫޓުތައް ތައާރަފުކުރި ފަހުން 10ރުފިޔާގެ ނޫޓު އަލުން ޗާޕުކޮށްގެން ނެރޭ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ސޮޔާ އެކު ނެރުނުއިރު، ދެވަނަ ފަހަރަށް 2018ވަނަ އަހަރު ޗާޕުކުރީ އޭރުގެ ގަވަރުނަރު އަޙްމަދު ނަސީރުގެ ސޮޔާއެކުގައެވެ. މި ސީރީޒް ބޭނުންކުރާތާ ގާތްގަނޑަކަށް ދިހަ އަހަރު ވެފައިވާއިރު، ބާ ނޫޓުގެ ގޮތުގައި އެމްއެމްއޭއަށް ލިބޭ 10ރުފިޔާގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































