މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުން ބާއްވަމުން އައި ފްލައިޓްތައް މަޑު ޖެހުމާ ގުޅިގެން އިންޑިއާގެ ފްލައިޓްތައް މިހާރު އިތުރުކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

އިސްރާއިލާއި އެމެރިކާއިން މިދިޔަ މަހުގެ 28ވަނަ ދުވަހު އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ހުޅުފަޅައިގެން ގޮސް އިރާނުން މިހާރު ދަނީ ރައްދުގައި އިސްރާއިލަށާއި މެދު އިރުމަތީގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެއާ އެކު ރާއްޖެއަށް ދަތުރުކުރާ އެމިރޭޓްސް، ގަތަރު އެއާވޭސް، ފްލައި ދުބާއީ ފަދަ އެއާލައިންތަކުގެ ދަތުރުތަކަށް ވަނީ ބުރޫ އަރައިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހަައްމަދު އަމީން ވިދާޅުވީ ރާއްޖެ އަންނަ 98ޕަސެންޓްއަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ ވައިގެ މަގުން ކަމަށާއި އަދި ހަނގުރާމައާ ގުޅިގެން ދުވާލަކު މެދުއިރުމަތިން އަންނަ 17ނުވަތަ 18ވަރަކަށް ފްލައިޓް ކެންސަލްކުރުމުން އޭގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ ކަމަށެވެ.

އެހެންވެ އެ އަސަރުތައް ކުޑަކުރަން ތިން މަސް ދުވަހަށް ޕްލޭންކޮށްގެން ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

“ޓްރާންސްޕޯޓް ސެކްޓާއާއި ޓުއަރިޒަމް ސެކްޓާއަށް މި ލިބުނު ޝޮކް އެބްޒޯބްކޮށް ފިޔަވަޅުތައް އެޅުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރޭގައި އިންޑިއާގެ އިތުރު ފްރީކުއަންސީ އެބަ އާދޭ. އެއިރޯ ފްލެޓްވެސް ފްރީކުއަންސީ އިތުރުކޮށްފި.”މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން އަންނަ މަހުން ފެށިގެން އޮސްޓްރޭލިއާއިން ވެސް ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply