މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ، “ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމުގަ އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30 ވަނަ ދުވަސް ރައީސް ހަމަޖެއްސެވީ މި ގައުމުގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބްރިޖު އިފުތިތާހު ކުރެވުނު ދުވަހަކީ އެ ދުވަސް ކަމަށް ވާތީ ކަމަށެވެ.

އެހެންކަމުން އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށް ވުމުން އެގޮތަށް ނިންމެވީ ކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ.

ދެންނެވުމުގައި ވަނީ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަމުގައި ފާހަގަކޮށްފަ އެވެ.

ސިނަމާލެ ބްރިޖު އިފުތިތާހު ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދިޔައިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސް މުއިއްޒެވެ.

ރައީސަކީ ސިވިލް އިންޖިނިއަރެކެވެ. އެމަނިކުފާނު ވަނީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ.

Leave a Reply