
ކަޅު ބާޒާރުގައި ވިއްކާ ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި ދައުލަތުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ބޭރު ފައިސާގެ ރޭޓު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހުރި މިންވަރަށް މިހާރު ތިރިކުރެވިފައިވާ ކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު އިއުލާނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައި އޮތް ނަމަވެސް، ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ އެކު މިހާރު ފެންނަމުންދަނީ އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބެމުންދާ މަންޒަރެވެ. އެގޮތުން، 17 ނޮވެމްބަރު 2023ގައި ޑޮލަރު މާރުކުރަން ހުރި ރޭޓަށް ނުވަތަ އެއަށްވުރެ ވެސް ބައެއް ހާލަތްތަކުގައި މިހާރު އަގު ދަށްވެފައިވުމަކީ އިގުތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ބޭރު ފައިސާގެ މާރުކޭޓަށް ހެޔޮ ބަދަލުތަކެއް އައިސްފައި ވަނީ ހަމައެކަނި ސަރުކާރުގެ މަސައްކަތުން ނޫންކަން ފާހަގަކުރައްވައި، ސައީދު ވިދާޅުވީ މިއީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އިހުލާސްތެރި އެހީތެރިކަމުގެ ނަތީޖާ ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރުކާރު އައިއިރު 17 ރުފިޔާގައި ހުރި ޑޮލަރު ރޭޓު، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކަޅު ބާޒާރުގައި ވަނީ 23 ރުފިޔާއަށްވުރެ މައްޗަށް އުފުލިފައެވެ. ނަމަވެސް، މާލީ ނިޒާމުގެ ތެރެއިން ސަރުކާރުން ތަންފީޒުކުރަން ފެށި އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން މިހާރު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބެން ހުރީ 17 ރުފިޔާއާއި 19 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































