
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓްރޭޓްގެ ހާއްސަ ދައުވަތަކަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް އިސް ވަފުދަކާ އެކު މިއަދު އެ ގައުމުގެ ވެރިރަށް ބެއިޖިންގއަށް ވަޑައިގެންފިއެވެ.
މި މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުން، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލް ޔިންގް ޔޮންގް އާ ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ ޕީޖީ އޮފީހާއި ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓްރޭޓާ ދެމެދު ރަސްމީ ފަހުމުނާމާއެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ ގުޅުން އިތުރަށް ބަދަހިވެ، މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ބެއިޖިންގ އިންޓަނޭޝަނަލް އެއަރޕޯޓުން ދިވެހި ވަފުދަށް މަރުހަބާ ދެންނެވީ ޗައިނާގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޝީ ވެއިޒޮންގްއެވެ. މީގެ އިތުރުން، ބެއިޖިންގ މުނިސިޕަލް ޕީޕަލްސް ޕްރޮކިއުރެޓްރޭޓްގެ ޗީފް ޕްރޮސެކިއުޓަރ ޒޫ ޔާޕިންގް އާއި ޝާންޝީ ޕްރޮވިންޝަލް ޕީޕަލްސް ޕްރޮކިއުރެޓްރޭޓްގެ ޗީފް ޕްރޮސެކިއުޓަރ ވާންގް ޒުގުއާންގްއާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
ޕީޖީ އައްބާސްގެ އަރިހުގައި ޗައިނާއަށް ވަޑައިގެންނެވި ޓީމުގައި ހިމެނިވަޑައިގަންނަވަނީ، ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލުން ކަމަށްވާ އަލްއުސްތާޛު މަޙްމޫދު ސަލީމް އަދި އަލްއުސްތާޛާ އާއިޝަތު މުޙައްމަދާއި، ޑިރެކްޓަރ ޖެނެރަލް އާމިނަތު ވަޙީދާގެ އިތުރުން، ޕަބްލިކް ޕްރޮސެކިއުޓަރުން ކަމަށްވާ އަލްއުސްތާޛު އަޙްމަދު ޝަފީޢު އާއި އަލްއުސްތާޛާ ސުލްޠާނާ އާދަމްއެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































