
ރާއްޖޭގެ ކަޅުބާޒާރުގައި ފުޅާދާއިރާއެއްގައި ޑޮލަރުގެ މުޢާމަލާތްތައް ހިންގަމުންދިޔަ 12 ބިދޭސީއެއްގެ މައްސަލަ ފާހަގަވެ، އޭގެ ތެރެއިން 9 މީހަކު ހައްޔަރުކޮށް އެ މައްސަލަ މިހާރު ދަނީ ތަޙުޤީޤުކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް ފުލުހުންގެ ޓާސްކްފޯހުން ޚާއްޞަ ނަންބަރެއް ތަޢާރަފުކޮށްފައިވާއިރު، މި 12 މީހުން އަތުލައިގަނެފައި ވަނީ އާންމުންގެ ފަރާތުން އެ ނަންބަރަށް ލިބުނު ރިޕޯޓުތަކަކާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ބިދޭސީން ގެނެސް މަގުމައްޗަށް ދޫކޮށްލުމަށް ފަހު، އެފަދަ ފަރާތްތަކުން ޖިނާއީ ކުށެއް ކުރުމުން ނުވަތަ ފުލުހުންގެ ބަންދަށް ގެންދިއުމުން ކުއްލިއަކަށް ސްޕޮންސަރުން އެމީހުންނާ ހަވާލުވާން އައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ބިދޭސީން ލައްވައި މިފަދަ ކަންކަން ކުރުވާ ދިވެހިންނަށް ވެސް އެއްވެސް ލުޔެއްނެތި ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ މެދު ފިޔަވަޅު އަޅަން ފެށުމާ އެކު، ދިވެހި ކަފީލުން އެމީހުންނާމެދު އިހުމާލުވެފައިވާކަން ހާމަވާނަމަ، އިހުމާލުވި ކޮންމެ ބިދޭސީއަކަށް 50،000 ރުފިޔާގެ މަގުން ދިވެހި މީހާ ޖޫރިމަނާ ކުރެވޭނެކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ. މީގެ ކުރީ ސަރުކާރުތަކުން ޤާނޫނު ތަންފީޒުނުކޮށް އޮތުމަކީ އެ ޤާނޫނުތަކާ ޚިލާފުވުމަށް އޮތް ހުއްދައެއް ކަމުގައި ނުދެކުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
ބައެއް ކަންމަތީ ފިހާރަތަކަކީ ބިދޭސީން ޑޮލަރު މާރުކުރަން ބޭނުންކުރާ ނިވާފަތްގަނޑެއްކަން ފުލުހުންގެ ތަޙުޤީޤަށް ވަނީ ހާމަވެފައެވެ. އެގޮތުން، ދިވެހިންގެ އެކައުންޓުތަކަށް އެމީހުންގެ މުސާރަ ޖަމާކުރުމަށް ފަހު، އެ ފައިސާ ޑޮލަރަށް ބަދަލުކޮށް ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރަށް ސްމަގަލްކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބޮޑެތި އަދަދުތަކުން ޓެލެގްރާފިކް ޓްރާންސްފަރ (ޓީޓީ) ހެދުމުގައި ވެސް ނަހަމަ ގޮތްތައް ބޭނުންކުރާ މައްސަލަތަކެއް ފާހަގަވެފައިވާތީ، އެކަންކަން ވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ.
މިފަދަ ކަޅުބާޒާރުގެ މުޢާމަލާތްތަކުގެ ސަބަބުން ރާއްޖޭގެ ރަސްމީ ބޭންކިންގ ނިޒާމަށް ޑޮލަރު ނުވަދެ، ބޭންކުތަކުގެ ބޭރު ފައިސާގެ ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރިތަކުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ، އާންމު މުދަލުގެ އަގު އިންތިހާއަށް އުފުލިގެންދެއެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޤާނޫނީ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާ އެކު މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ކަނޑައެޅިފައިވާ ރަސްމީ ރޭޓުގައި ރައްޔިތުންނަށް ބޭރު ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































