
އެކި ގައުމުތަކުގައި ކޮރަޕްޝަން އޮންނަ މިންވަރު ބަލައި ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކުވެސް ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)އެކުލުވާލިއިރު ދިރާސާތައްކުރުމުގައި ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ސީދާ ވަޒަންކޮށްފައި ނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން މިއަދު ބުނެފި އެވެ.
މިދިޔަ އަހަރުގެ ސީޕީއައިގައި ރާއްޖެ ހިމެނެނީ 182 ގައުމުގެ ތެރެއިން 91 ވަނައިގަ އެވެ. އެހެންވެ މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ބުނެފަ އެވެ.
ނަމަވެސް އެ އިންޑެކްސްއާ ގުޅިގެން އޭސީސީއިން މިއަދު ބުނީ ސީޕީއައި އަކީ އޭގެ ޒާތުގައި އެ ދިރާސާގައި ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށެވެ.
އަދި އެ އިންޑެކްސް ތައްޔާރުކުރަނީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެންގެން ކަމަށާއި މިއީ ދެކޭ ގޮތް (ޕާސެޕްޝަން) ގެ މައްޗަށް ބިނާކުރާ ދިރާސާއަކަށްވުމުން އިންޑެކްސްގެ ސްކޯ އަދި ރޭންކިން ބިނާވަނީ ދެކޭގޮތުގެ މައްޗަށް ރިއާޔަތްކޮށް ނެގޭ މައުލޫމާތުގެ މައްޗަށްކަން އޭސީސީން ފާހަގަކުރި އެވެ.
އެގޮތުން މިދިޔަ އަހަރުގެ ރާއްޖޭގެ ސްކޯއާއި ރޭންކް ކަނޑައެޅުމަށް ބޭނުންކުރެވިފައިވަނީ، ހަމައެކަނި ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސްއާއި ވާރލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް އަދި ވެރައިޓީސް އޮފް ޑިމޮކްރަސީއާ ހަވާލާދީ ކަމަށް އޭސީސީން ބުންޏެވެ.
“[އެ] ދިރާސާތަކަކީ، އެ ދިރާސާތަކުގައި ކޮރަޕްޝަން ރާއްޖޭގައި އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާތަކެއް ނޫނެވެ. އަދި ހަމައެއާއެކު، ގިނަ ގައުމުތަކާ ހިލާފަށް، ރާއްޖޭގެ ސްކޯ އެކުލަވާލުމަށް ބޭނުންކުރެވިފައިވަނީ، މަދު މަސްދަރުތަކެއް ކަމަށްވުމާއެކު، މި ސްކޯގެ ނަތީޖާއަކީ މާނަހުރި ރަނގަޅު ނަތީޖާއެއްކަމުގައި ހެދުމަށްޓަކައި މިކަން ގައުމީ ފެންވަރުގައި މަޝްވަރާކުރެވި ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމެއްގެ ގޮތުގައި، މި ކޮމިޝަނުން ދެކެމެވެ.” އޭސީސީން ބުންޏެވެ.
ރާއްޖޭގެ ނަޒާހަތްތެރިކަމުގެ ގައުމީ ނިޒާމް (ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް)، އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެސް އޭސީސީން ބުންޏެވެ.
އެގޮތުން ރާއްޖޭގެ ދިގުރާސްތާ ގައުމީ ޕްލޭނާއި، މޯލްޑިވްސް 2.0 އާ އެއްކީލިވާނެ، “ގައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު” އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީތެރިކަމާއެކު އެކުލަވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ފަށައި މިހާރު ކުރިޔަށްގެންދާކަން އޭސީސީން ފާހަގަކުރި އެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































