ގައުމީ އެއާލައިން، މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ޕްރިމިއަމް އިކޮނޮމީގެ ނަމުގައި ހާއްސަ ޓިކެޓް ކްލާހެއް ތައާރަފުކޮށްފި އެވެ.

ޕްރިމިއަމް އިކޮނޮމީގެ ހިދުމަތް ފެށުމަށް މޯލްޑިވިއަނުން ނިންމާފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. އެ އެއާލައިނުން ބުނީ މިއަދުން ފެށިގެން ޓިކެޓަށް ބުކް ކުރެވޭނެ ކަމަށެވެ.

އިކޮނޮމީ ކްލާހަށް ވުރެ މި ޓިކެޓުގެ އަގު ބޮޑުވި ނަމަވެސް، އިތުރު ހިދުމަތްތައް ލިބޭނެ އެވެ. އެގޮތުން ޓިކެޓުގައި ދަތުރުކުރާ ފަރާތްތަކަށް ޗެކިން އަދި ބޯޑިންގައި އިސްކަންދޭނެ އެވެ. މާލޭން ދަތުރުކުރާ ފަރާތްތަކަށް މޫނިމާ ލައުންޖް އަދި ދަރަވަންދޫ އާއި އިފުރުން ފުރާ ފަރާތްތަކަށް އެ އެއާޕޯޓުތަކުގައި ގާއިމުކޮށްފައިވާ ލައުންޖުތަކުގެ ހިދުމަތްތައް ލިބޭނެ އެވެ.

ޕްރިމިއަމް އިކޮނޮމީ ޓިކެޓުގައި ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސް ކިލޯގެ ބެޖޭޖް އެލަވަންސްއެއް ލިބޭނެ އެވެ. އޭގެ އިތުރުން ދަތުރުކުރާ މަންޒިލަށް ދެވެމުން ބެގޭޖް ފޯރުކޮށްދިނުމުގައި އިސްކަންދޭނެ އެވެ.

މި ޓިކެޓުގައި ދަތުރުކުރާ ފަރާތްތަކަށް މޯލްޑިވިއަނުން ވަނީ ހާއްސަ ސީޓުތަކެއް ހަމަޖައްސާފަ އެވެ. ދަތުރުމަތީގައި ހާއްސަ ކެއުންބުއިން ލިބޭނެ އެވެ. އަދި އިތުރު ފީއަކާ ނުލައި ފުރާ ދުވަސް އެއްފަހަރު ބަދަލު ކުރުމުގެ ފުރުސަތު ދޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *