
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު މިއަދަށް ހަމަވާނެއެވެ.
މި ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހެޅުމަށް ހުޅުވާލީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. ކުރިން މި މުއްދަތު ހަމަވާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކަނޑައަޅާފައި ވަނީ ފާއިތުވި މެއި މަހުގެ 31ވަނަ ދުވަހަށް ނަމަވެސް، އެ ވުޒާރާއިން ވަނީ އެ މުއްދަތު އިތުރުކޮށްފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް ވިދާޅުވީ، މުއްދަތު އިތުރުކުރީ ހާއްސަ ހާލަތަކާ އެކު ކަމަށެވެ. އަދި ދެން މުއްދަތު އިތުރުނުކުރާނެ ކަމަށާއި މިހާރު ހުޅުވާލާފައިވާ ސްކީމަށް ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ޕޯޓަލްގައިވާ މައުލޫމާތު ފުރިހަމަކުރުމަށް ފަހު ހުށަހެޅުމަށް އިލްތިމާސްކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މި ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކުރީ ބައެއް އުޞޫލްތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން:
- ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލެވޭ.
- ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން ގޯތި ދޫކޮށްލާ، ވަކިން ގޯއްޗަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް ވެސް ކުރިމަތިލެވޭ.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީގެ ޝަރުތުތަކަށް ވެސް ބަދަލުގެ ނެސްފައިވޭ
މި ސްކީމުގެ ދަށުން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ނިންމާފައިވާ އިރު ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































