
އާންމުންނަށް ފޯރުކޮށްދޭ ކާބޯތަކެތީގެ ސަލާމަތްތެރިކަމާއި ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި، ސިއްހަތަށް ފައިދާހުރި ކާބޯތަކެތި އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ހިންގި ‘އުފަކާރަ’ ޕްރޮގްރާމް 19 މީހަކު ފުރިހަމަކޮށްފިއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ކޯސް ފުރިހަމަކުރި ފަރާތްތަކަށާއި ކިޔަވައިދެއްވި 17 ފެސިލިޓޭޓަރުންނަށް ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. ‘އުފަކާރަ’ އަކީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، ކާނާގެ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓުމަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު އަލްފާޟިލާ ޤީލާ ޢަލީގެ އިތުރުން އެ ވުޒާރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން އިސްނަގައިގެން 2017ވަނަ އަހަރު ތަޢާރަފުކުރި މި ޕްރޮގްރާމް، މިހާތަނަށް މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ޅ، މ، ފ އަދި ލ އަތޮޅުގެ އިތުރުން ހދ. ކުޅުދުއްފުށި، ނ. ވެލިދޫ އަދި ޏ. ފުވައްމުލައް ހިމެނެއެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































