
މާލެއާއި އަތޮޅުތެރޭގައި މިދުވަސްވަރު މޫސުމީ ރޯގާއާއި ބޭރަށްހިންގުމުގެ ބަލިމަޑުކަން ހަލުވިކަމާ އެކު ފެތުރެމުންދާތީ، އާންމު ސިއްހަތަށް ރައްކާތެރިވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހޮޑުލުމާއި ބޭރަށްހިންގުން ފަދަ ބަލިތައް ޖެހޭ މިންވަރު މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ވަނީ އިރުޝާދުދީފައެވެ. ޚާއްސަކޮށް، މާބޮޑަށް ވަރުދެރަވުމާއި، ކަރުހިއްކުމާއި، އަނބުރައިގަތުމުގެ އިތުރުން ގިނަގިނައިން ހޮޑުލެވޭނަމަ ވީއެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެއްކަމުގައި އެޗްޕީއޭއިން ފާހަގަކުރެއެވެ.
މި ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި، ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް އާދަކުރުމާއި، ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން ހިމެނެއެވެ. އަދި ރޯގާގެ އަސަރެއް ހުރިނަމަ މާސްކު އެޅުމަށާއި، ބަލިވެ އުޅޭނަމަ މީހުން ގިނައިން އެއްވެއުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ބޭރަށް ހިންގާނަމަ ލޮނުޕެކެޓާއި ސޫޕް ފަދަ ތަކެތި ބުއިމަށް އިސްކަންދިނުމަށާއި، ފާޚާނާ ބޭނުންކުރުމަށް ފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް ސާފުތާހިރުވުމަށް އެ އިދާރާއިން ނަސޭހަތްތެރިވެއެވެ. ފާޚާނާ ބޭނުންކުރުމަށް ފަހު ސެނިޓައިޒްކުރުމަށް ސަމާލުކަން ދިނުމަށާއި، ބަލީގެ އަލާމާތްތައް ފިލައިދާތާ އެއް ދުވަސް ވަންދެން ކުޑަކުދިން ސްކޫލަށް ނުފޮނުވުމަށާއި، ބޮޑެތި މީހުން ވެސް ވަޒީފާއަށް ނުނިކުމެ ގޭގައި އަރާމުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































