
ހުސްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް 3ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމުންނެވެ.
އެމަގާމަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވައިލި މުއްދަތުގައި އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ. އެހެންކަމުން އެ އިއުލާނު މިއަދަށް ވަނީ ދަންމާލާފައެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ މިއަދު ވަގުތު ހަމަވިއިރު 3ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އެއީ:
- ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ
- އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
- އެސިސްޓެންޓް ކޮމިޝަނަރު އަބްދުالله ޝަރީފް
ނަވީސް ރިޓަޔާ ކުރެއްވުމުން މިހާރު ފުލުހުންގެ ހިދުމަތާ ހަވާލުވެ ހުންނެވީ ފަރުހާދެވެ.
ދެން އައްޔަނު ކުރާ ޕޮލިސް ކޮމިޝަނަރު ވެގެންދާނީ މި ސަރުކާރުގެ 3ވަނަ ކޮމިޝަނަރަށެވެ. ނަވީންގެ ކުރިން އެމަގާމުގައި ހުންނެވީ އަލީ ސުޖާއުއެވެ. އޭނާވެސް ވަނީ ރިޓަޔާ ކުރައްވާފައެވެ.























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































