
ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް ވަރަށް ބޮޑަށް އިތުރުކުރަން ނިންމައިފިއެވެ.
ގަތަރު އެއާވޭސްއިން ބުނީ މި އަހަރުގެ ފިނި މޫސުމުގެ ސީޒަންއާ ދިމާކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ކުރާ ދަތުރުތައް އިތުރުކުރަން އެ އެއާލައިންއިން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއަށް ވެސް ހަފްތާއަކު ކުރާ ދަތުރުތައް 21އަށް އިތުރުކުރަން ނިންމާފައިވާ ކަމަށް އެ އެއާލައިން ބުންޏެވެ.
މިހާރު ގަތަރު އެއާވޭސްއިން ރާއްޖެއަށް ހަފްތާއަކު ކުރަނީ 12ދަތުރެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ އިރު ގިނަ އަދަދެއްގެ ފަތުރުވެރިން ގަތަރު އެއާވެސް މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރެއެވެ.
އޭގެ ތެރޭގައި ވެސް މެދު އިރުމަތިންނާއި އަދި ޔޫރަޕްއިން ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ގަތަރު އެއާވޭސްއިން ރާއްޖެއަށް އާދެއެވެ.
ގަތަރު އެއާވޭސްއިން ކުރާ ދަތުރުތައް އިތުރުކުރާ އިރު ރާއްޖެއަށް އެހެނިހެން އެއާލައިންތަކުން ކުރާ ދަތުރުތައް ވެސް އިތުރުކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































