ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ), މަރުކަޒުތަކަށް ފާއިތުވި މާރިޗު މަހުގެ ތެރޭގައި މަސްކިރުވި ފަރާތްތަކަށް، އެ ކުންފުނިން ޖުމްލަ 29.3 މިލިއަން ރުފިޔާގެ އުޖޫރަ ދޫކޮށްފައިވާކަން އެ މުއައްސަސާއިން ހާމަކޮށްފިއެވެ.

ދައުލަތުގެ މަސް ކުންފުނިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަދަދަކީ އޭގެ ކުރީ މަސް ކަމަށްވާ ފެބްރުވަރީ މަހާ އަޅައިބަލާއިރު ފައިސާގެ ގޮތުން 44 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ފެބްރުވަރީ މަހުގެ ތެރޭގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 20.3 މިލިއަން ރުފިޔާއެވެ. މާރިޗު މަހު ދޫކުރި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަހަށެވެ. އެގޮތުން ކަޅުބިލަމަސް ކިރުވި އުޅަނދުތަކަށް 26.8 މިލިއަން ރުފިޔާ ދީފައިވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި ފަރާތްތަކަށް 1.7 މިލިއަން ރުފިޔާ އަދި 10 ކިލޯއިން މަތީގެ ކަންނެއްޔަށް 7 ލައްކަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

ފައިސާގެ އަދަދުގެ އިތުރުން، ކިރުވި މަހުގެ މިންވަރާއި އުޅަނދުފަހަރުގެ އަދަދަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، ފެބްރުވަރީ މަހު 1180 ޓަނުގެ މަސް 514 ދޯންޏަކުން ކިރުވާފައިވާއިރު، މާރިޗު މަހު މި އަދަދު ވަނީ 591 ދޯންޏަކުން 1625 ޓަނަށް އިތުރުވެފައެވެ. މިއީ މަސްކިރުވި ދޯނިތަކުގެ ނިސްބަތުން 14 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ކިރުވި މަހުގެ ޖުމްލަ ބަރުދަނަށް ބަލާއިރު މިއީ 37 އިންސައްތައިގެ އިތުރުވުމެކެވެ.

Leave a Reply