
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ނިމެންދެން އަމިންއެވެނިއުގެ ދެ އެޕާޓްމަންޓެއް ހިފަހައްޓަން ހައި ކޯޓުން އަމުރުކޮށްފިއެވެ.
އެ ދެ އެޕާޓްމަންޓަކީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމަންޓްއެކެވެ. ހައި ކޯޓުގައި ހިނގަމުންދާ އިސްތިއުނާފް މައްސަލަ ނިމެންދެން އެ ދެ އެޕާޓްމަންޓް ހިފެހެއްޓުމަށް އަމުރުކުރީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.
މިއަދު ނެރުނު އެ ވަގުތީ އަމުރުގައި ބުނެފައިވަނީ އެ މުދަލުގެ އަސްލު ގެއްލޭ ފަދަ އެއްވެސް މުއާމަލާތެއް ހިންގުމަކީ މި މައްސަލާގައި ދައުލަތުން އެދޭ ފަރުވާ ހޯދުމުގެ ފުރުސަތު ބަންދުވެދާނެ ކަމެއް ކަމަށެވެ. އެހެންވެ އަސްލު ގެއްލޭ ފަދަ މުއާމަލާތްތައް ހިމެނޭ ގޮތަށް އެއްވެސް މުއާމަލާތެއް ނުހިންގުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ ބައްސާމް 23އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އަދި 1.2މިލިއަން ޑޮލަރު ހަ މަސް ދުވަސް ތެރޭގައި ދެއްކުމަށާއި މަނީ ލޯންޑާކުރި 44.4މިލިއަން ރުފިޔާ ދެއްކުމަށް ވެސް ހުކުމްކޮށްފައިވެއެވެ.
މީގެ އިތުރުން އެހެން މައްސަލައެއްގައި ބައްސާމް ގެންދަވަނީ ނުވަ އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުންނެވެ.





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































