
މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
އެ ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވީ ޖަރުމަނުވިލާތަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގަތެރެއިން ވެރިރަށް ބާލިންގައި ބޭއްވި ހަފްލާއެއްގައެވެ.
އެ ރައުންޑްޓޭބަލްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އެބައެއްގެ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މައިދާން ބައްޓަންކޮށް، ދެމެހެއްޓެނިވި އަގުތައް އުފެއްދުމަށް އެހީތެރިވެދިން ޖަރުމަނުވިލާތުގެ ވިޔަފާރި ލީޑަރުންނާ ބައްދަލުކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާފުޅެއްކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖެއިން 2040ވަނަ އަހަރަށް ކުރާ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، އެ ތަސައްވުރަކީ، ދިވެހި އިގުތިސާދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީކުރުމަށާއި، ގައުމީ ތަރައްގީއަކީ، ތިމާވެށި ހިމާޔަތްކޮށްދީ، ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް ކުރިއެރުން ގެނުވާކަމެއް ކަމުގައި ކަށަވަރުކޮށްދިނުމަށް ކަނޑައަޅާފައިވާ ޢަޒުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެގޮތުން، މާލީ ނިޒާމުތައް ޒަމާނީކުރުމާއި، ބޭރުފައިސާ މާރުކުރުމަށް ހުރި މަގުތައް އިތުރަށް ފަހިކުރުމާއި، އާންމު ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ރައީސް ވަނީ، ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ، މާލީ އަހުލާގު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއްކަމުގައި ވިދާޅުވެފައެވެ. އެފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން، ރާއްޖެއާމެދު ވުނޭރުންގެ މެދުގައި އިތުބާރު އިތުރުވެ، ގޫގްލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި ވުނަކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރެވޭ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުވިލާތުގެ ވުނޭރުންނާއި، ޓުއާ އޮޕަރޭޓަރުންނާއި، މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ފާހަގަކޮށްލެވޭ ދައުރުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި 2027ވަނަ އަހަރަކީ “ވިޒިޓް މޯލްޑިވްސް އިޔާ” ކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ވިދާޅުވެ، އެ ހަރަކާތުގައި ބައިވެރިވުމަށް، ޖަރުމަނުވިލާތުގެ ވުނޭރުންނަށް އެމަނިކުފާނު ދައުވަތު އެރުއްވިއެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































