ސީދާ ދަތުރުތައް ފެށުމުން އޮސްޓްރޭލިއާއިން ޒިޔާރަތްކުރި ފަތުރުވެރިން %16 އިތުރުވެއްޖެއެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 20،918 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދަކީ ނިމުނު އަހަރު ޒިޔާރާތްކުރި 17,957 ފަތުރުވެރިންނާ އަޅާ ބަލާއިރު 16 އިންސައްތައިގެ ކުރިއެރުމެކެވެ. މި އިތުރުވުމާ އެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުތަކުގެ ލިސްޓުގެ 9ވަނަގައި އޮސްޓްރޭލިއާ ވަނީ ހިމެނިފައެވެ.

މީގެ އިތުރުން އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 951،167އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1،006،،964 އާ އަޅާބަލާއިރު 4.8 އިންސައްތަ ދަށް އަދަދެކެވެ.

އޮސްޓްރޭލިއާ މާކެޓު އިތުރު ކުރިއެރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ގައުމީ އެއާލައިން މޯލްޑިވިއަން އިން މިދިޔަ މަހު އެ ގައުމާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމެވެ. މޯލްޑިވިއަނުން މިހާރު ހަމަޖައްސާފައިވާ ޝެޑިއުލަކީ ހަފުތާއަކު އެއް ދަތުރު ކުރުމެވެ. އެގޮތުން ކޮންމެ އާދިއްތަ ދުވަހަކު ރާއްޖެއިން މެލްބަންއަށް ފްލައިޓް ދާއިރު، އެނބުރި ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން އަންނާނީ ކޮންމެ އަންގާރަ ދުވަހަކުއެވެ. މޯލްޑިވިއަނުން ލަފާކުރާ ގޮތުގައި އަހަރެއްގެ ތެރޭގައި އެކަނި ވެސް އޮސްޓްރޭލިއާއިން އިތުރު 11,000 ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ދަށްވެފައި ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ.

Leave a Reply