ފ. ފީއަލީގައި ފާއިތުވި މަހުގެ 9ވަނަ ދުވަހު ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަށިގަނޑު ފިހިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ބިދޭސީމީހާ މަރުވެއްޖެއެވެ.

މި ހާދިސާ ހިގާފައި ވަނީ ފީއަލީ ފަޅުތެރޭގައި އަޅާފައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެގެންނެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ އެ ދޯނީގައި މަސައްކަތްކުރަމުން އައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޑެލޯވާ (40އ)އެވެ.

އޭނާއަށް ފުރަތަމަ ފަރުވާދީފައި ވަނީ ފީއަލީ ސިއްހީ މަރުކަަޒުގައެވެ. އަދި އެ ދުވަހު އިތުރު ފަރުވާއަށް އެ އަތޮޅު ނިލަންދޫ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު، ހާލަތުމާ ސީރިއަސްވުމާ ގުޅިގެން އޭނާ ވަނީ މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގައި، ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ %60 ވަނީ ފިހިފައެވެ.

ނިޔާވި ފަރާތުގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފޮނުވުމުގެ އިންތިޒާމުތައް، ކަމާގުޅޭ އިދާރާތަކުން ގެންދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ ދޯނީގެ ޕަމްޕު ސްޓާޓްކުރަން އުޅުމުގެ ތެރޭގައި، އެ ޕަންޕުގައި ހުޅު ހިފައިގެންނެވެ. ތިން ގަޑިއިރެއްހާ އިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލްވި އިރު ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، 3 ދޯނި އެކީ އަނދާ އަޅިއަށްވެފައެވެ. އަދި ބަނދަރު ސަރަހައްދުގައި ހުރި އައިސްޕްލާންޓަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.

Leave a Reply