
މޭވާއާއި ތަރުކާރީގެ އަގު ރާއްޖޭގައޮ އަގުހެޔޮކުރަން މަސައްކަތްކުރަމުން ގެންދަވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިއަދު ފެއްޓެވި ‘ރައްޔިތުންނާ އެކު’ ޕޮޑްކާސްޓުގައި މީހަކު ވަނީ އާންމު ދުޅަހެޔޮކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ މެދު ސުވާލުކޮށްފަ އެވެ. މި ޕްރޮގްރާމަކީ ރައްޔިތުންގެ ހުރި ސުވާލުތަކަށް ސީދާ ރައީސް ޖަވާބު ދެއްވުމަށް ފެށި ޕޮޑްކާސްޓެކެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި ފައްޓަވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގެ އަމާޒެއް ކަނޑައަޅުއްވާފައިވާނެ ކަަމަށެވެ.
އަދި އެ އަމާޒަށް ވާސިލުވުމުގެ ތެރެއިން، ބޭރުން ރާއްޖެއަށް ގެންނަ މޭވާ އާއި ތަރުކާރީ ރާއްޖޭގައި އުފެއްދޭނޭ ކަމަށާއި، އެއާއެކު އެތަކެތީގެ އަގުހެޔޮވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށް، އެ ބާވަތްތައް ހެޔޮ އަގެއްގައި ލިބޭނޭ އިންތިޒާމު ހަމަޖައްސައިގެން މޭވާ އާއި ތަރުކާރީގެ އަގުހެޔޮ ކުރެވިދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.