
ފީފާ ވޯލްޑް ކަޕް 2026 ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ކުރިއަށްގެންދާ ޚާއްޞަ ކަވަރޭޖުގެ މައި ޕާޓްނަރަކަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ހަމަޖައްސައި، އެ ކުންފުންޏާ އެކު ރަސްމީކޮށް އެއްބަސްވުން ގާއިމުކޮށްފިއެވެ.
ޕީއެސްއެމް ޓީވީ ބިލްޑިންގގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. އަދި މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝަހީދު އިބްރާހީމެވެ. މީގެ އިތުރުން، މި ފޯރިގަދަ ކަވަރޭޖްގެ ކޯ-ސްޕޮންސަރުންގެ ގޮތުގައި އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ވެސް ވަނީ ހަމަޖައްސާފައެވެ.
އެލައިޑްގެ ފަރާތުން ޗީފް އަންޑަރރައިޓިންގ އޮފިސަރ އުދުލިއާނާ ރުސެއީ ސޮއިކުރެއްވިއިރު، އެމްޕީއެލް ތަމްސީލުކުރައްވައި ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤެވެ. ހަމައެއާ އެކު، އިތުރު ފަސް ފަރާތަކުން ވަނީ ކަވަރޭޖް ޕާޓްނަރުންގެ ގޮތުގައި ޕީއެސްއެމްއާ ގުޅިފައެވެ. އޭގެ ތެރޭގައި ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބު ސޮއިކުރެއްވި ވިލާ ކޮލެޖާއި، ސީއޯއޯ ސިނާން ޢަލީ ސޮއިކުރެއްވި އެމްޓީސީސީ ހިމެނެއެވެ. އަދި އައިލެންޑް ޕާފިއުމްސްގެ ޑިރެކްޓަރ ޢަބްދުﷲ ޝަބީނާއި، އީޒެޕްގެ ސީއީއޯ އަދި ސީއެފްއޯ ޢަބްދުﷲ މިއުވާން ޝަރީފްގެ އިތުރުން ޕްރޮކްސީގެ މާކެޓިންގ ކޮންސަލްޓެންޓް އަޝީރު ޢަބްދުލްޢަޒީޒު ވެސް ވަނީ ޕާޓްނަރުންގެ ގޮތުގައި ސޮއިކުރައްވާފައެވެ.
މީޑިއާނެޓާ ގުޅިގެން ޕީއެސްއެމް އިން މިފަހަރުގެ މުބާރާތް ގެނެސްދޭއިރު، މިއީ އެއްވެސް އިތުރު ފީއަކާ ނުލައި މުޅިން ހިލޭ ދިވެހިންނަށް ވޯލްޑް ކަޕް ބަލައިލުމުގެ ފުރުސަތު ފަހިވެގެންދާނެ ތާރީޚީ ފުރަތަމަ ފަހަރެވެ. އެގޮތުން، މީޑިއާނެޓްގެ ކަނެކްޝަނެއް އޮންނަ ކޮންމެ ގެއަކަށް ވެސް ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް މެޗުތައް ބަލައިލެވޭނެއެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި މުބާރާތަކީ 48 ޤައުމު ބައިވެރިވާ، މިހާތަނަށް ފެނިގެންދާނެ އެންމެ ޝައުޤުވެރި އެއް ވޯލްޑް ކަޕަށް ވާނެކަމަށް ބެލެވެއެވެ. ޕީއެސްއެމްގެ އެންމެ ބޮޑު އަމާޒަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮންނަ ފުޓުބޯޅައިގެ ފޯރި، ރާއްޖޭގެ ގޭބިސީތަކާއި، ޖަގަހަތަކުގެ އިތުރުން ބޮޑު ސްކްރީންތަކާ ހަމައަށް އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމެވެ. މި ފޯރިގަދަ ކަވަރޭޖް ރަސްމީކޮށް އިފްތިތާޙުކޮށްފައި ވަނީ ހުސްވި މެއި މަހުގެ 18ވަނަ ދުވަހުއެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































