
މާލޭގައި ޒަމާނީ ފެންވަރުގެ އައު މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ކަލާފާނުގެ ސްކޫލުގައި ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މިހާރު މަސްމާރުކޭޓު އެހުރި ޖާގައިގައި އައު މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓު ހިމެނޭ މިކްސްޑް ޔޫސް މާކެޓެއް ތަރައްޤީ ކުރުމަށް، ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމުޢިއްޔާތަކަށް ބޭނުންވާ އޮފީސް ޖާގަ ހުމެނޭ ގޮތަށް އިމާރާތެއް އަޅަންވެސް ރާވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިހާރު ވާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫއެއްގެ ގޮތުގައި އެ މަޝްރޫއު ކަނޑައެޅުމަށްޓަކައި އެ ބޭފުޅުންނާ އެކުގައި ވެސް ވާހަކަދެއްކެވި މަސައްކަތްތަކެއް ފެށިފައި. އެއީ އޮރިޖިނަލް ޕްލޭނެއް. ރައީސް މައުމޫނު ވެރިކަމުގައި އެތަން ހިއްކި އިރުގައި ވެސް އެކަން ކުރަން ރާވާފައި އޮތް ގޮތް.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ، ލޯކަލް މާރުކޭޓު، ދަތުރުވެރިންގެ މާރުކޭޓު އަދި ވަޅޯމަސް މާރުކޭޓު ވަގުތީގޮތުން އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް، އެކަމަށް ވަގުތީ ބިންތަކެއްވެސް ހަމަޖައްސާފައިވާކަން މީގެ ކުރިން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































