
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ ޚާއްޞަ މުޝީރުގެ މަގާމަށް، ކުރީގެ ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.
މިކަމާ ގުޅިގެން “ދެން” ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވަނީ “ދެން”އަށް މިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެ މަނިކުފާނު ވިދާޅުވީ، އާދަމް ނަސީރުގެ މަގާމުގެ މައުލޫމާތު ރައީސް އޮފީހުން ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އޮތް ކައުންސިލް އިންތިޚާބާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އެ މަހުގެ 14ވަނަ ދުވަހު ވަަޒީރުންގެ މަޖިލީހުގެ 10 މެންބަރަކު ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.
ނަމަވެސް، ބައެއް ވަޒީރުންނަށް ވަނީ ސަރުކާރުގެ އެކި ދާއިރާތަކުގެ އިސް މަގާމުތަކަކަށް އައްޔަންކުރައްވާފައެވެ. މިގޮތުން ކުރީގެ ޞިއްހީ ވަޒީރު ޢަބްދުﷲ ނާޒިމް، ކުރީގެ ސިޓީތަކާ އިދާރީ ދާއިރާތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުގެ އިތުރުން ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިޤް އިބްރާހީމް ހިމެނެއެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































