ރީ-އެމްޕްލޯއިމަންޓް ޤާނޫނުގެ ދަށުން، އުމުރުން 65 އަހަރުވުމުން ރިޓަޔަރކުރަންޖެހޭ މީހުންނަށް އިތުރަށް މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ޚާއްސަ އުސޫލެއް އެކުލަވާލައި އާންމުކޮށްފިއެވެ.

މަރުކަޒީ ބޭންކުން ގެޒެޓުކޮށްފައިވާ މި ގަވާއިދު ބަޔާންކުރާ ގޮތުގައި، އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންނަށް އެ އިދާރާގައި ވަޒީފާ އަދާކުރެވޭނީ އަހަރުން އަހަރަށް އައުކުރެވޭ ގޮތަށް ހެދޭ 12 މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. މި ފުރުސަތު ލިބޭނީ ޕެންޝަން އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކުގެ ތެރެއިން، މި އުސޫލަށް އަމަލުކުރަން ފަށާތާ 60 ދުވަސް ތެރޭގައި އެކަމަށް އެދޭ މީހުންނަށާއި، މިހާރު ވެސް އެމްއެމްއޭގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަށެވެ.

އަލުން ވަޒީފާ ދިނުމުގައި ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އެފަދަ ފަރާތެއްގެ އުމުރުން 75 އަހަރު ފުރުމަށް މަދުވެގެން 13 މަސްދުވަސް ބާކީ އޮންނަންޖެހޭނެއެވެ. އަދި މިހާރު ހުރި ދާއިމީ މުވައްޒަފަކު ވަޒީފާގައި ދެމިހުންނަން ބޭނުންވާނަމަ، އުމުރުން 65 އަހަރު ފުރުމުގެ ހަ މަސްދުވަހުގެ ކުރިން އެކަން ރަސްމީކޮށް އަންގަންޖެހޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި އުސޫލުގެ ދަށުން އަނބުރާ ވަޒީފާއަށް ނުކުންނަ މީހުންނަށް ކުރިން އަދާކުރި މަޤާމު ނުވަތަ މުޅިން އެހެން މަޤާމެއް ވެސް ހަމަޖައްސައިދިނުމުގެ އިޚުތިޔާރު އެމްއެމްއޭއަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ކުރިން އަދާކުރި މަސްއޫލިއްޔަތާއި ލިބެމުންދިޔަ މުސާރައަށް ބަދަލުގެނައުން ވެސް ހިމެނެއެވެ. މުސާރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަންގެ މިންގަނޑުތަކަށް ރިއާޔަތްކޮށް ގަވަރުނަރެވެ.

މީގެ އިތުރުން، މިގޮތަށް ވަޒީފާ ހަމަޖެހޭ މީހަކު އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި 21 ދުވަހުގެ ނޯޓިހެއް ދޭންޖެހޭނެކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ސަރުކާރުން ރީ-އެމްޕްލޯއިމަންޓް ޤާނޫނެއް ފާސްކޮށްފައި ވަނީ، ޤާނޫނީ ގޮތުން ރިޓަޔަރކުރަންޖެހޭ އުމުރަށް ދިޔަ ނަމަވެސް، ޤައުމަށް ޚިދުމަތްކުރުމުގެ ޝައުޤުވެރިކަމާއި ޞިއްޙަތު ހުރި ފަރާތްތަކަށް އެ މަގު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައެވެ.

Leave a Reply