މަނާތަކެތި އެތެރެކުރުމަށް ކުށްވެރިން ބޭނުންކުރާ ޒަމާނީ އުކުޅުތައް ހުއްޓުވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ ރަމަޟާން މަހުން ފެށިގެން ޖަލުތަކަށް ތަކެތި ވައްދަން މަސައްކަތްކުރި ފަސް ޑްރޯނެއް އޮފިސަރުންގެ ހުޝިޔާރުކަމުން އަތުލައިގަނެފިކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ކުށްކުރާ ފަރާތްތަކުން ޖަލަށް ތަކެތި ވައްދަން މިހާރު ބޭނުންކުރަނީ އަޑު ނީވޭ ޒާތުގެ ޑްރޯންތަކެއް ކަމަށެވެ. އަދި މިފަދަ ޓެކްނޮލޮޖީގެ އާލާތްތައް ދެނެގަނެ ހުއްޓުވާނެ އެކަށީގެންވާ ނިޒާމެއް އަދި ޖަލުތަކުގައި ޤާއިމުކުރެވިފައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މި މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ޒަރީރު ދެއްވިއެވެ.

ރާއްޖޭގެ ޖަލުތަކުގެ ސަލާމަތީ ކަންކަން ހުރިގޮތުން އާންމު ރައްޔިތުންގެ މެދުގައި އަބަދުވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރެއެވެ. ޚާއްޞަކޮށް، މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ ބޮޑެތި މައްސަލަތައް ހިންގުމުގައި ގިނައިން ޝާމިލުވަނީ ޖަލުގައި ތިބޭ ގައިދީންކަން ތަޙުޤީޤުތަކަށް ވަނީ ސާބިތުވެފައެވެ. މަސްތުވާތަކެއްޗާއި މުވާސަލާތީ އާލާތްތައް ޖަލަށް ވެއްދުން އާންމުވެފައިވާއިރު، މާޒީގައި މިކަންކަން ހުއްޓުވުމަށް ނިޒާމީ ގޮތެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި ނެތްކަން ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.

ޖަލުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހު މާފުށީ ޖަލުގައި ވަނީ ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރެއް ބަހައްޓާފައެވެ. މީގެ އިތުރުން، އެތެރެކުރާ ތަކެތި ބަލައި ފާސްކުރުމަށް ގެނެސްފައިވާ ބަގޭޖް ސްކްރީންކުރާ މެޝިން މި މަހުގެ ތެރޭގައި އިންސްޓޯލްކޮށް ބޭނުންކުރަން ފެށޭނެކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ. އަދި ޖަލުތަކުގެ ޖާގައިގެ ދަތިކަމާއި ސަލާމަތީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސެންޓްރަލް ޖަލެއް އިމާރާތްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

Leave a Reply