ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑައިލެސިސް އެކްސްޓެންޝަން އިމާރާތާއި އައު އީރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ނާޒިމާ އަލީއެވެ.

އޭގެ އިތުރުން މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ ވެސް މިއަދު ވަނީ އަޅައިފައެވެ. އެ ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

އަތޮޅު ތެރޭގެ ސިއްހީ ހިދުމްތް ފުޅާކޮށް ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސަރުކާރުން ޓަރޝަރީ ފެންވަރަށް ތަރައްގީކުރާ އެއް ހޮސްޕިޓަލެވެ.

ހޮސްޕިޓަލުގައި މިއަދު ހިދުމަތް ފުޅާކުރެވުނު ޑައިލިސިސް އެކްސްޓެންޝަން އިމާރާތުގައި އެއްފަހަރާ 9މީހުންނަށް ޑައިލިސިސް ހެދޭނެއެވެ. އަދި އާ އިމަޖެންސީ ރޫމްގައި ހަ އެނދާއިއެކު ހިދުމަތް ވަނީ ފުޅާކޮށްފައެވެ.

އޭގެ އިތުރުން މިއަދު ބިންގާ އެޅި އައިސޮލޭޝަން ފެސިލިޓީގެ ސަބަބުންވެސް އެ ސަރަހައްދުގެ ސިއްހީ ދާއިރާއަށް އިތުރު ކުރިއެރުން ލިބިގެންދާނެއެވެ. އައިސޮލޭޝަން ފެސިލިޓީގައި، ޕްރައިވެޓް ރޫމްތަކާއި 800މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއްގެ އިތުރުން ކޮންވަރޓިބަލް ކަރަންޓީނު ފެސިލިޓީއެއް ހުންނާނެއެވެ.

Leave a Reply