
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މި ހިނގާ އޭޕްރީލް މަހުގެ ތެރޭގައި މަސްވެރިން ކިރުވި މަހުގެ އަގުގެ ގޮތުގައި 36 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފިއެވެ.
އެ ކުންފުނީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން، މި އޭޕްރީލް މަހުގެ 1ވަނަ ދުވަހުން ފެށިގެން 23ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 36،686،909 ރުފިޔާ ދޯނިފަހަރަށް ޖަމާކޮށްދީފައިވެއެވެ. އޭގެ ތެރެއިން އެންމެ ފަހުން، މި މަހުގެ 21ވަނަ ދުވަހު ކިރުވި މަހަށްވާ ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ (6،136،593ރ) ވަނީ މިއަދު އޮޑިވެރިންނަށް ދޫކޮށްފައެވެ. ފައިސާ ދޫކުރެވުނު ގޮތުގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ދީފައި ވަނީ ކަޅުބިލަމަހަށެވެ. އެގޮތުން ކަޅުބިލަމަސް ކިރުވި ފަރާތްތަކަށް 36،293،624 ރުފިޔާ ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި އުޅަނދުފަހަރަށް 363،625 ރުފިޔާ އަދި 10 ކިލޯއިން މަތީގެ ކަންނެއްޔަށް 29،660 ރުފިޔާ ވަނީ ދީފައެވެ.
ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން މިފްކޯއިން މަސް ގަންނަ އަގު 16 ރުފިޔާގައި ކަނޑައަޅައި، ޑީސަލް ލިޓަރެއް 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ވެސް، މަސްވެރިންނަށް ދަތިކަމެއް ނެތި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން މިފްކޯ މެދުވެރިކޮށް ދަނީ ހަމަޖައްސައިދެމުންނެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ޖަނަވަރީ މަހުން ފެށިގެން މިފްކޯއިން ވަނީ ބޮޑުކަންނެލިވެސް ގަންނަން ފަށާފައެވެ. ޖަނަވަރީ 11 ގައި ފުރަތަމަ 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 25 ރުފިޔާގެ މަގުން ގަންނަން ފެށުމަށްފަހު، އެ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ވެސް ހަމަ މި އަގުގައި ކިރުވަން ފަށާފައެވެ.







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































