ފެންވަރު ރަނގަޅު ބޭސް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުން ކަށަވަރުކުރުމުގެ ބޭނުމުގައި، ސްޓޭޓް ފާމާއިން ޕާކިސްތާނުގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ހިރާނިސް ފާމަސޫޓިކަލްސްއާ އެކު މުހިންމު ޑިސްޓްރިބިއުޓަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޓޭޓް ފާމާއިން ބަޔާންކުރި ގޮތުގައި، މި އެއްބަސްވުމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. މީގެ ސަބަބުން، ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، އެ ކުންފުނީގެ ސަޕްލައި ޗެއިން އަދި ބައިނަލްއަޤްވާމީ ވިއުގަ އިތުރަށް ފުޅާވެގެންދާނެކަން ފާހަގަކޮށްފައިވެއެވެ.

މި ފަހުމުނާމާގެ ދަށުން ސްޓޭޓް ފާމާއާ ގުޅިފައިވާ ހިރާނިސް ފާމަސޫޓިކަލްސް (ޕްރައިވެޓް) ލިމިޓެޑަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ، އިތުބާރު ހިފޭ ޕާކިސްތާނުގެ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ ދިވެހިރާއްޖޭގެ އިތުރުން ފިލިޕީންސާއި އަފްޣާނިސްތާނު ފަދަ އޭޝިއާގެ ގިނަ ޤައުމުތަކަކަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށްވެ ސް ފުޅާ ދާއިރާއެއްގައި ބޭސް އެކްސްޕޯޓުކުރަމުންނެވެ.

ބޭރުގެ ސަޕްލަޔަރުންގެ ވިއުގަ ވަރުގަދަކުރުމަށް ސްޓޭޓް ފާމާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވެވުނު މި އެއްބަސްވުމާ އެކު، ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުންދާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

Leave a Reply