
ނައިފަރުގައި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 45ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ވެސް 24އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި:
• 1813މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން
• 803މީޓަރު ބޮޑު ހިލައިގެ ބޭރުތޮށިލުން
• 474މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހުން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އަގަކީ 679މިލިއަން ރުފިޔާއެވެ.
ނައިފަރަކީ މިހާރުވެސް ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށަކަށްވާ އިރު ބިން ހިއްކުމުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެއެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































