
ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޑައިރެކްޓްކުރުމުގެ ރެކޯޑް އޮތް މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) ގެ 50 ވަނަ ފިލްމު “ގިލަން” ގެ ފުރަތަމަ ޕޯސްޓަރު މިއަދު އާންމުކޮށްފިއެވެ.
ދިވެހި ސިނަމާގެ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާނެ ކަމަށް ބެލެވޭ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2026 ގައެވެ. ފިލްމުގެ ޓީމުން މިހާރު ދަނީ އޮލިމްޕަސް ސްކްރީނަށް މި ފިލްމު ގެނައުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
“ގިލަން” ގެ މައިގަނޑު ލީޑް ރޯލުތަކުން ފެނިގެންދާނީ ދިވެހި ސިނަމާގެ އެންމެ ނަގާކިޔާ ތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި، ހިތްގައިމު އެކްޓިންއެއް ދައްކަމުން އަންނަ ފާތުމަތު އަޒީލާ (އަޒޫ) އެވެ. މީގެ އިތުރުން، ހުނަރުވެރި އެކްޓަރު އަޙްމަދު ސައީދު މުހިންމު ސަޕޯޓިން ރޯލަކުން ފެނިގެންދާއިރު، އައިމިނަތު ނޫރާގެ މޮޅު ހުނަރުވެސް މި ފިލްމުން ބެލުންތެރިންނަށް ފެނިގެންދާނެއެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އާއިލީ ގުޅުންތަކާއި، ސިއްރު ލޯބީގެ ކަންތައްތަކެއްގެ މައްޗަށެވެ. ނަމަވެސް ވާހަކައިގެ ކުންނާ ހަމައަށްދާއިރު، ބެލުންތެރިން ސިއްސުވާލާނެ ފަދަ ރޫހާނީ ކަންތައްގަނޑެއް ފޮރުވިފައިވާ ކަމަށް ފިލްމުގެ ޓީމުން މައުލޫމާތުދެއެވެ.
ޑައިރެކްޓަރު އަމްޖޭ ބުނިގޮތުގައި، މި ފިލްމަކީ ރާއްޖޭގެ ނަންމަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ޔޫއްޕެ، މުއާ، ރަވީ ފާރޫޤް، ރިޝްމީ އަދި ފައިސަލް ފަދަ ބޭފުޅުންގެ އެހީތެރިކަމާއެކު އުފައްދާފައިވާ ވަރަށް ތަފާތު، ފެންވަރު ރަނގަޅު މަސައްކަތެކެވެ. ފިލްމުގެ ހިތްގައިމު މަންޒަރުތައް ކެމެރާކޮށްފައިވަނީ ކެމެރާމަން އިބްރާހީމް ވިސާމް (ކަނޑި) އެވެ.
ލިޔުންތެރިޔާ މުޙައްމަދު ޤާސިމްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ފިލްމާ މެދު މުޅި ޓީމުންވެސް ތިބީ ވަރަށް ބޮޑު އުއްމީދެއްގައެވެ. އަންނަ ޖޫން މަހު އޮލިމްޕަސް ސްކްރީން “ގިލަން” އިން ދިއްލާލާއިރު، މިއީ ދިވެހި ފިލްމީ ދާއިރާއަށް އަންނާނެ ވަރަށް ތަފާތު ބަދަލަކަށް ވާނެކަމަށް ބެލެވެއެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































