
ހިތަދޫ އުތުރު ދާއިރާގެ އާ މަޖިލިސް މެމްބަރު ހޮވަން ބާއްވާ އިންތިހާބަށް ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް އެ ދައިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން އަދި އަހުމަދު ސައީދު (ސޮޑާ) ކުރިމަތިލައްވައިފިއެވެ.
ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން، މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މި މަހުގެ 12ވަނަ ދުވަހުއެވެ. އެހެންވެ އެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުން އަންނަ ޖޫން މަހުގެ ހަވަނަ ދުވަހަށް މިހާރު އޮތީ ތާވަލުކޮށްފައެވެ.
ޕީއެންސީގެ އިސް ބޭފުޅަކު “ދެން”އަށް ކަށަވަރުކޮށްދިން ގޮތުގައި ޕްރައިމަރީގައި ވާދަކުރަން ޕީއެންސީން ހުޅުވާލި ފުރުސަތުގައި ހަމައެކަނި ކުރިމަތިލީ ސިނާންއާއި ސައީދުއެވެ. ނަމަވެސް ޕްރައިމަރީ ބާއްވާނެ ދުވަހެއް ވިދާޅެއް ނުވެއެވެ.
ސަައީދަކީ ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރެވެ. ނަމަވެސް ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައި އޭނާއަށް ކުރިމަތިވީ ނާކަމިޔާބީއެވެ.
ޕީއެންސީގެ ޓިކެޓްގައި ހިތަދޫ އުުތުރު ދާއިރާއަށް ކުރިމަތިލެއްވާނެ ބޭފުޅެއް ކަނޑައަޅަން ޕްރައިމަރީ ބާއްވާއިރު އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާ ވާދަކުރައްވަން ނަން ހުށަހެޅުއްވީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެކަންޏެވެ. އެހެންވެ ޕްރައިމަރީއަކާ ނުލައި ސޯދިގުއަށް ވަނީ ޓިކެޓް ކަށަވަރުވެފައެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































